6 ނޮވެމްބަރ ގައި އެމް.ޑީ.ޕީ އިން ބޭއްވުމަށް އިޢުލާންކޮށްފައިވާ ބޮޑު މުޒާހަރާ މި ޕާރޓީން އިންތިޒާމްކުރިގޮތަށް ކުރިއަށްދާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިޒާމްކޮށްގެން “މިންޖުވުމަށް” މި ނަމުގައި 6 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވުމަށް އިޢުލާނުކޮށްފައިވާ ބޮޑު މުޒާހަރާ، އިންތިޒާމްކޮށްފައިވާ ގޮތުގެ މަތިން އެ ދުވަހު ކުރިއަށްދާނޭކަމުގައި މި ޕާރޓީގެ މެމްބަރުންނަށާއި މި ޕާރޓީއަށް ތާއީދުކުރާ އެންމެހައި ފަރާތްތަކަށް އަންގަމެވެ.

މި މުޒާހަރާއަކީ ރައީސް މުޙައްމަދު ނަޝީދާއި އަދި ނުޙައްޤުން ޖަލަށްލައި ނުވަތަ ބަންދުކޮށްފައިވާ ހުރިހައި ސިޔާސީ ފަރާތްތައް މިނިވަންކުރުމަށް ގޮވާލައި، އަދި އދ. ގެ ނިންމެވުމަށް ބޯލެނބުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން ބާއްވާ ސުލްޙަވެރި ބޮޑު މުޒާހަރާއެކެވެ.

މި ސުލްޙަވެރި މުޒާހަރާ ބޭއްވުމުގެ ނޯޓިސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިހާރު މި ޕާރޓީން ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސަށް ދީފައެވެ. ހަމައެފަދައިން މި މުޒާހަރާ އޮންނާނޭކަމުގެ މަޢުލޫމާތާއި އަދި މި ފަދަ މުޒާހަރާތަކަށް ފުލުހުންގެ އެއްބާރުލުން ދެއްވުމާއި މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަންދެއްވުމާއި މަގުތަނަވަސްކޮށްދެއްވުމަށް ފުލުހުންނާއެކު މި ޕާރޓީގެ ލީޑަރޝިޕުން 1 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވެސް ވާނީ އެދިފައެވެ. އަދި އެދުވަހު ފުލުހުންނާއެކު ބޭއްވުނު ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ އެކުވެރި މާޙައުލެއްގައެވެ. ބައެއް މީޑިއާ ތަކުން ރިޕޯރޓްކޮށްފައިވާ ގޮތާ ޚިލާފަށް، އެ މުޒާހަރާ އާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ފުލުހުން މި ޕާރޓީގެ ކިބައިން އެދިވަޑައިގެންފައެއް ނުވެއެވެ. އަދި ދެވަނަ ވިސްނުމަކަށް ދިއުމަށް މި ޕާރޓީން ވިސްނައިފައި ވެސް ނުވެއެވެ.

ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަރަށް އަސާސީ ޙައްޤެއްކަމަށްވާއިރު، ރާއްޖޭގައި ހިނގާ ބޮޑެތި ކަންބޮޑުވުންތަކާމެދު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ޙައިސިއްޔަތުން މި ޕާރޓީން އިންތިޒާމްކޮށްގެން ބާއްވާ މިފަދަ ސުލްޙަވެރި އެއްވުންތަކަށް ފުލުހުން އެއްބާރުލެއްވުން ދެއްވުމަކީ ފުލުހުންގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެކެވެ. އަދި ޤައުމުގައި ހިނގާ އެހެން މައްސަލަތަކަކީ މި ޕާރޓީން ބާއްވާ ސުލްޙަވެރި މުޒާހަރާތަކަށް އޮތް ހުރަހަކަށްވެގެންވާނޭ ކަމެއް ނޫންކަމުގައި ދެކެމެވެ. މި ޕާރޓީގެ މަސްއޫލިއްޔަތަކީ ވެސް ރާއްޖޭގައި ހިނގާ ކަންކަމާމެދު ބަސްބުނެ، ޚިޔާލުފާޅުކޮށް އަދި ކަންކަން އިސްލާޙުކުރުމެވެ.

“މިންޖުވުމަށް” މި ނަމުގައި 6 ނޮވެމްބަރ 2015 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފާވާ ސުލްޙަވެރި މުޒާހަރާއަށް ފުލުހުންގެ އެއްބާރުލުން ދެއްވުމަށް މި ޕާރޓީން ގޮވާލާހިނދު، މި މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މި ޕާރޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް
3 ނޮވެމްބަރ 2015